Posted by Hassan Shahid under
އަހަރެމެން,
ތަރައްޤީ Leave a Comment

ލިޔުމުގެ އަސްލު ބެއްލެވުމަށް
މީދޫ ވެރިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ބަދަލުގައި އާ ވެރިންގެ ޓީމެއް މީދުއަށް ބޭނުންވެއެވެ. މިއީ އެއްގޮތަކަށްވެސް އެބޭފުޅުންނަށް ދަންނަވާ ޒާތީ ބަހެއްކަމުގައި ދެކެވަޑައި ނުގެންނެވުން އެދެމެވެ.
މީދޫ ވެރިންގެ ޓީމަށް ގެންނަންވީ ބަދަލަކީ ޒުވާން ތަޢުލީމީ ކެރޭ ވެރިން ވެރިކަމަށް ގެނައުމެވެ.ރާއްޖެއަށް މިއަންނަ ބަދަލުތައް ދަންނަ ހޭލުންތެރި ބަޔަކަށް ވެރިކަން ހަވާލުކުރުމެވެ. ރައްޔިތުންގެ ނަމުގައި ކެރިގެން ކުރިއަށް ދާންކެރޭ ބަޔަކަށް ވެރިކަން ދިނުމެވެ. ކޮންމެ ކަމެއްގައިވެސް ކުރިއަށް ދެވޭނީ އެބައެއްގެ ހޭލުންތެރިކަން ހުރި މިންވަރަކުންނެވެ. މީދޫގެ ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންތައްތައް ކުރުމަށް މިހާރަށްވުރެ ހަރަކާތްތެރި މިހާރަށްވުރެ އަވަސް ފިޔަވަޅުތައްއެޅޭ މިހާރަށްވުރެ ތަޢުލީމީ މިހާރަށްވުރެ ކެރޭ ވެރިންގެ ޓީމެއް ބޭނުންވެއެވެ.
ރަށްރަށުގެ ވެރިންނަކީވެސް އާ ގާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވޭ ބަޔަކަށް ވާނެކަމަށް ރޭޑިޔޯ އިންނާއި ޓީވީން އެބަގޮވައެވެ. އެދުވަސް އައިސްގެން މިހާރު މީދޫގައި ވެރިކަންކުރާ ބޭފުޅުންނަށް ރައްޔިތުންގެ އިތުބާރުނެތިގެން ވެރިކަމުން ދުރުވެވަޑައިގެންނެވުމަށް ޖެހުމަކީ ތިޔަ ބޭފުޅުންނަށްވެސް ލިބިވަޑައިގަންނަވާނެ ދެރައެކެވެ.
ރާއްޖޭގައި މިހާރު މިއޮތް ސިސްޓަމުގެ ތެރޭގައި ރަށްރަށުގެ ވެރިންނަކީ މާބޮޑު ބާރުތަކެއް އޮތް ބައެއް ނޫނެވެ. އެޓޯލްސް މިނިސްޓްރީ އާއި އަތޮޅު އޮފީހުން ލަފާދެއްވާ ގޮތަކަށް ކަންތައްތައް ކުރައްވަން ޖެހިވަޑައިގަންނަވާ ކަހަލަ ގޮތަކަށް ތިއްބެވި ބޭފުޅުންނެވެ. އަމިއްލަ އިޚްތިޔާރުތައް ވަރަށް ކުޑައެވެ. މި ކަހަލަ ސިސްޓަމެއްގެ ތެރެއިން އާ ސިސްޓަމަކަށް ނިކުންނައިރު ޒުވާން ޓީމަކަށް ވެރިކަން ބަދަލުވުމަކީ އަޅުގަނޑުގެ ޑްރީމެކެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެރިންނާބެހޭގޮތުން ދެކެވޭ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް މީދޫ ވެރިންނާމެދު ވެސް ކިޔޭ އަޑު އިވެ އެވެ.މިކަމުގެ ސަބަބުން ރަށުގެ ކުރިއެރުމަށް ހުރަސްތައް ކުރިމަތިވާ ކަމަށް އަޑުއިވެއެވެ.މީދޫ މިހާރުއޮތް ގޮތަކީ މީގެ މިސާލެކެވެ.
މީދޫ ވެރިންގެ އެންމެ ބޮޑު ފޭލިއާ ކަމަށް އަޅުގަނޑު ދެކެނީ ގުޅިގެން މަސައްކަތް ކުރުމުގެ ވައްޓަފާޅި ނެތުމެވެ. ޒުވާނުންނާއި ވެރިންނާއި އޮންނަންވީ ގުޅުން ކުޑަވުމެވެ. އަތޮޅު އޮފީހާ ސްކޫލާއި އަދިވެސް މީދޫގައި ހުރި އެހެން މުއައްސަސާތަކާ އޮންނަންވީ ގުޅުން ކުޑަވުމެވެ. އަތޮޅު ތަމުސީލު ކުރައްވާ މަޖިލިހުގެ މެންބަރުންނާ އޮންނަންވީ ގުޅުން ކުޑަވުމެވެ. އެޓޯލްސް މިނިސްޓްރީގެ ވެރިންނާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިންނާ އޮންނަންވީ ގުޅުން ކުޑަވުމެވެ. ކަންތައްތައް ފަހިވެގެންދާނީ އަދި ތަރައްޤީގެ ކަންތައްތައް ކުރިއަށްދާގޮތް އެގޭނީ މި ގުޅުންތައް ބަދަހިވެގެންނެވެ. ރައްޔިތުންނާ ގާތް ގުޅުންތަކެއް އޮވެގެންނެވެ. ކޮންމެ ވެރިއަކީވެސް ތިއީ ރައްޔިތުންގެ ސާވެންޓުން (ޚާދިމުން) ކަން ޤަބޫލުކުރެވިގެން ވެރިކަން ކުރައްވައިގެންނެވެ. އެކިއެކި ބޭނުންތަކުގައި އޮފީހަށްދާ ރައްޔިތުންނަށް ރުންކުރު ޖަވާބުތައް ދެއްވައިގެންނެއްނޫނެވެ. އަދި ވެރިންގެ ތެރޭގައި އެއްބޭފަޅަކު އަނެއް ބޭފުޅެއްގެ ބޮލަށް ކަންތައްތައް ކަނޑާލައްވައިގެން އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ އަގު ވައްޓާލައްވައިގެންނެއް ނޫނެވެ.
މީދޫ ވެރިކަމަށް މިހާރު ތިއްބެވި ބޭފުޅުންނަށްވުރެ ގާބިލު ބަޔަކު އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމެވެ. އެކަމަށް އިސްނަގާ މިހާރުން ފެށިގެން ރައްޔިތުންގެ މަޤުބޫލުކަން ހޯއްދެވުމަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަން ކެރޭ ޒުވާނުން ބޭނުންވެއެވެ.މީދޫގައި އެންމެ ފަހުން އިންތިޚާބު ކުރެވުނު ރކ ކޮމެޓީގެ އިންތިޚާބަށްވެސް ކުރިމަތިލައްވާނެ ތަޢުލީމީ ހިންގުންތެރި ޒުވާނުންއޮތީ ނުވެފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމުގެ މަޤާމު އަދާކުރާނެ މީހަކުވެސް ހޯދަން ޖެހެނީ އާދޭސްކޮށްގެންނެވެ. މިހެން މިކަންއޮތްއިރު ވެރިން އިންތިޚާބުކުރާ އިންތިޚާބެއްގައި ވެރިކަމަށް ކުރިމަތިލާނެ މީހަކު ވާނެބާއޭވެސް ހިތަށް އަރައެވެ. މީހުން ވެދާނެއެވެ. ބޭނުންވަނީ މިހާރު ވެރިކަމުގައި ތިބި ބޭފުޅުންނަށްވުރެ ޒުވާން ހިންގުންތެރި އަދި އެކަޑަމިކް ކޮލިފިކޭޝަން މަތި ބައެކެވެ .