ސިކްސް-އަ-ސައިޑް ޗެލެންޖް 2008 ގައި އިއްޔެ ބައްދަލުކުރި މެޗުން ނެރަވާ ޔުނައިޓެޑް އެފް.ސީ ވާރިއާއި ބައްދަލުކޮށް 1-0 ން ބަލިވުމުން ގުރޫޕްގެ ގަދަ 4ން ކަޓައިފިއެވެ. މި މެޗުން އެފް.ސީ ވާރި މޮޅުވުމުން 4 މެޗް ކުޅެގެން 2 ޕޮއިންޓް ލިބިފައިވާ ބޮކަރ ސޮކަރވެސް ވަނީ ގަދަ 4ން ކަޓާފައެވެ. އެހެންކަމުން ލީގުގެ 3 ވަނާގައިވާ ރާފަޅާ ސްޕޯޓްސްއާއި ބޮކަރ މިއަދު ބައްދަލުކުރާ މެޗް އެހާ ފޯރިގަދަ މެޗަކަށް ނުވުމަކީ އެކަށީގެންވާކަމެކެވެ.
ލީގް އުސޫލުން ކުޅޭ މި މުބާރާތުގެ ލީގް ޗެމްޕިއަންކަން ހޯދާނެ ޓީމެއް ކަނޑައެޅޭނީ ހުކުރުދުވަހު ކުޅޭ މުބާރާތުގެ އެއްމެ ފަހުމެޗްގައެވެ. މި މެޗްގައި ބައްދަލުކުރާނީ 4 މެޗް ކުޅެގެން 10 ޕޮއިންޓް ހޯދާފައިވާ ރުއްކުއްލިއާއި މުބާރާތުގެ ސަޕްރައިޒިންގ ޓީމު އެފް.ސީ ސުރިއޮރިއެވެ. އެފް.ސީ ސުރިއޮރި ވަނީ 4 މެޗް ކުޅެގެން 9 ޕޮއިންޓް ހޯދާފައެވެ. އެހެންކަމުން މި މެޗްވެގެންދާނީ މުބާރާތުގައި ކުޅޭ އެއްމެ ފޯރިގަދަ މެޗަށެވެ. މި މެޗާއި ގުޅުވައިގެން މިހާރުވެސް ރަށުތެރޭގައި ވަރަށްގިނަ ވާހަކަތަކެއް ދެކެވެމުން އެބަދެއެވެ. ދެ ޓީމުގެ ކޯޗުންގެ ބަހުގެ ހަމަލާތައް ވަރަށް ވަރުގަދަވެފައިވާއިރު ދެޓީމުގެ ސަޕޯޓަރުންގެ މެދުގައިވެސް ކޮންމެވެސްވަރަކަށް ބަހުގަ ހަމަލާތައް ބަދަލުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
ސިކްސް-އަ-ސައިޑް ޗެލެންޖްގެ ލީގު މެޗްތައް ނިމިގެން ދެން އޮންނާނީ ގަދަ 4 ޓީމު މެދުގައި ކުޅެވޭ މުބާރާތެކެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމު އެއްކޮޅުން ފައިނަލްގައި ކުޅޭގޮތަށެވެ. ބަލިވާ ޓީމު ކުޅެންޖެހޭނީ ލީގުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމްއާއެވެ. މި މެޗުން މޮޅުވާ ޓީމް ފައިނަލްގައި ވާދަކުރާ “މީދޫ ކޮމިއުނިޓީ ކަޕް” ފައިނަލް އޮންނާނީ މި މަހު 25ވަނަދުވަހުގެ ހަވީރު 4:30 ގައެވެ.






