އިލެކްޓްރިކް ލައިޓް އުފެއްދުމަށް އެޑިސަން ކުރި ބުރަ މަސައްކަތުގައި ހަތްސަތޭކަފަހަރު އޭނާ ފެއިލްވިއެވެ. މިކަމާއި ގުޅިގެން ނިވްޔޯކް ޓައިމްސްގެ ރިޕޯޓަރަކު އޭނާއާއި ސުވާލުކުރިއެވެ. ހަތްސަތޭކަ ފަހަރު ފެއިލްވުމުން ކުރެވުނީ ކޮން އިހްސާސެއްތޯއެވެ؟ އޭނާ ޖަވާބުދިނެވެ. އަހަރެން އެއްމެ ފަހަރަކުވެސް ފެއިލް ނުވަމެވެ. އަހަރެން ކުރިކަމަކީ އިލްކްޓްރިކް ލައިޓް ނުއުފެއްދޭނެ ހަތްސަތޭގޮތް ހޯދައި އެގޮތްތައް އެކަހެރި ކުރުމަށްފަހު އިލްކްޓްރިކް ލައިޓް އުފެއްދޭނެގޮތް ހޯދުމެވެ.
ނިމިގެންދިޔަ އިންތިޚާބުގައި ފެއިލްވީ މީހުން ފެއިލްވީ ކީއްވެގެންތޯ އަދި އިލްކެޝަން ކާމިޔާބުކުރި ފަރާތައް ކާމިޔާބުލިބުނީ ކީއްވެގެންތޯ ވަރަށްގިނަ ބަޔަކު ސުވާލުކުރަމުން އެބަދެއެވެ. އެޑިސަންގެ ޖަވާބުން ދޭހަވާގޮތުން ކާމިޔާބު ހޯދުމަށްޓަކައި، ކުރަންޖެހޭ ކަމަކީ ތިމަންނަ ކުރިމަތިލާ ކަންކަމުގައި، ތިމަންނައަށް ނާކާމިޔާބުވާނެ ހުރިހާގޮތެއް ހޯދުމަށްފަހު، އެކަންތައް އެކަހެރި ކުރުމެވެ. މާނައަކީ އިންތިޚާބެއްގައި ނަމަ ރައްޔިތުންގެ ނުރުހުން ތިމަންނާއަށް ލިބިދާނެ ހުރިހާ ކަންތައްތައް ހޯދައި، އެކަންތައްތަކުން އެކަހެރިވުމެވެ. އެހެނީ އިންތިޚާބެއްގައި ތިމާއަށް ކާމިޔާބު ލިބޭނީ ރައްޔިތުންގެ ރުހުން ލިބިގެންނެވެ.
ރައްޔިތުންގެ ރުހުން ހޯދުމަކީ ތިމާއާއި ވާދަކުރާ އެހެން ކެންޑިޑޭޓުންގެ އަގުވައްޓާލައި، އެކެންޑިޑޭޓުންނަށް ރައްޔިތުން ދީފައިވާ ރުހުން ގަދަކަމުން ހޯދުމެއް ނޫނެވެ. އަދި އެއީ ގަދަކަމުން ހޯދޭނެ ރުހުމެއްވެސް ނޫނެވެ. އަދި އެއީ ތަހުޒީބުވެފައިވާ މުޖުތަމައަކުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫނެވެ. ކަންމިހެން ހުރިނަމަވެސް ފާއިތުވި އިންތިޚާބުގައި ބައެއް ކެންޑިޑޭޓުން ތާއީދު ހޯއްދެވުމަށްޓަކައި މިދެންނެވިފަދަ ދަށުދަރަޖައިގެ އަމަލްތައްވަނީ ހިންގާފައެވެ. ނަތީޖާއެއްގެ ގޮތުން އެކެންޑިޑޭޓުންނަށް އޮތް ތާއީދުވެސް ގެއްލިގެން ދިއުމެވެ.
އިންތިޚާބު މިހާރު މިވަނީ ނިމިފައެވެ. ނަތީޖާވެސް ފެންނަން އެއޮތީއެވެ. ދެން ކުރަންވީ ކަމަކީ ޑިމޮކްރަސީގެ އުސޫލާއި އެއްގޮތައް މެޖޯރިޓީގެ ނިންމުމަށް އިޚްތިރާމްކޮށް، ނާކާމިޔާބުވީ
ކީއްވެގެންތޯ ބަލައި، އެކަންތައް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅަންވީއެވެ. ތިމާ ސަޕޯޓްކުރި މީހާ ނުހޮވުނީތީވެ، ރަށު މީހާ ނުހޮވުނީތީވެ، އާއިލާ މީހާ ނުހޮވުނީތީވެ، އެކަމާއި ރުޅިއައިސްގެން ހިތައްއެރިހާ އެއްޗެއް ގޮވަމުން، އެކި ޒާތްޒާތުގެ ނަންނަމުން ރައްޔިތުންނަށް ގޮވަމުން ފުރައްސާރަ ކުރުމަކީ އިތުރަށް ތިމާމެންގެ ގަދަރާއި އިއްޒަތް ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެން ހިނގައިދާނެ ކަމެކެވެ.