އޮގަސްޓް 10، 2008: ހަސަން ޝާހިދު

ސ.މީދޫގެ ބައެއް ދަނޑުތަކަށް އިއްޔެރޭ ވަގުތެއްގައި ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން މީދޫ ވީކްލީއަށް ޚަބަރު ލިބުމާއި ގުޅިގެން މި ނޫހުގެ ރިޕޯޓަރުން އިއްޔެ ހަވީރު އެ ދަނޑުތަކަށް ޒިޔާރަތް ކުރިއެވެ. ގެއްލުން ދީފައިވާ ދެ ދަނޑަކީ ސ.މީދޫ ދޭލިޔާވިލާ އާއިލާގެ ބޭފުޅުން ހައްދަމުން ގެންދާ ދަނޑަކަށާއި، ސ.މީދޫ ކަޅިހާރު ހަސަން ދީދީ ހައްދަމުންގެންދާ ދަނޑަކަށެވެ.

މި ދެ ދަނޑުގެ ތެރެއިން ބޮޑު ގެއްލުމެއްދީފައިވަނީ ހަސަން ދީދީގެ ދަނޑަށެވެ. އެ ދަނޑުގައި ހުރި ހުރިހާ ކަރާތަކަށް ވަނީ ވަޅި ހަރާފައެވެ. 80 އަށް ވުރެ ގިނަ ކަރާއަށް ގެއްލުން ދީފައިވާ މި ދަނޑުގައި ތަރުކާރީއާއި މޭވާގެ ތަފާތު އެކިވައްތަރުގެ ގަސްތައް ހައްދާފައި ވީނަމަވެސް އެ ގަސްތަކަށް އެއްވެސްކަހަލަ ގެއްލުމެއް ދީފައެއް ނުވެއެވެ.

ދޭލިޔާވިލާ އާއިލާއިން ހައްދަމުންގެންދާ ދަނޑުން ދޮންވެފައިވާ 10 ވަރަކަށް ކަރާ ވަނީ ބިނދެފައި ކަމަށް އެދަނޑުގެ ވެރިފަރާތުން މި ނޫހަށް މައުލޫމާތުދެއްވިއެވެ. މީ ގެ އިތުރުން ބައެއް ކަރާތަކަށް ވަޅި ހަރައި ހަލާކުކޮށްފައިވާކަން މި ނޫހުގެ ރިޕޯޓަރުން ބެލި ބެލުމުން ފާހަގަވިއެވެ.

މި ކަމާއި ގުޅޭގޮތުން ބައެއް ދަނޑުވެރިންނާއި ސުވާލުކުރުމުން އެމީހުން ބުނެފައިވަނީ، މި ކަމަކީ ރަށުގެ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް އެމީހުން ގަބޫލު ނުކުރާކަމަށެވެ. އަދި މި މައްސަލަ ރަސްމީކޮށް ޕޮލިހަށާއި، ރަށު އޮފީސް އަދި ރަށްކުރިއަރުވާ ކޮމެޓީއަށް ހުށަހަޅާނެކަމަށްވެސް އެމީހުން ހާމަކުރިއެވެ. މި ދެ ދަނޑަށް ދީފައިވާ ގެެއްލުމުގެ އަގު އެތައް ހާސްރުފިޔާއަށް އަރާނެ ކަމަށާއި މި ފަދަ ގެއްލުންތައް ހުއްޓުވުމަށް ރަށުގައި ގާއިމުވެތިއްބަވާ ޕޮލިހުން މަސައްކަތް ނުކުރާކަމަށް ބުނެ އެމީހުންވަނީ ނުރުހުން ފާޅުކޮށްފައެވެ. މި ގޮތުން އެމީހުން ފާހަގަ ކުރި އެއްކަމަކީ މިދަނޑުތަކަށް ގެއްލުން ދިން މީހުން ދުއްވި ސައިކަލް ޕޮލިހަށް އެގޭއިރުވެސް އެމީހުންނާއިމެދު އެއްވެސް ފިޔަވަޅެއް ނާޅާކަމެވެ.

އަޅުގަޑު ގާތު ޕޮލިހަކު ވިދާޅުވި ތިމަންނަމެންނަށް އެ ސައިކަލްތައް އެނގޭ ކަމަށައި ނަމަވެސް އެމީހުން އެކަން ކުރިކަމަށް އެއްބަސް ނުވާނަމަ އެމީހުން ހައްޔަރު ނުކުރެވޭނެކަމަށެވެ” ދަނޑު ހެއްދުމުގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުއްވާ ދަނޑުވެރިއަކު މި ނޫހަށް މައުލޫމާތު ދެއްވަމުން ބުންޏެވެ.