އޮގަސްޓް 10، 2008: ހަސަން ޝާހިދު
ހުޅުދޫ މަސްވެރިންގެ ޖަމްއިއްޔާ (އެޗް.އެމް.ޖޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗްގައި މީދޫ ސަންސެޓް އެފް.ސީ މަރަދޫ އާއި ބައްދަލުކޮށް 2-2 ން އެެއްވަރުވެއްޖެއެވެ. މި މެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ މަރަދޫ ޓީމުން ގޯލެއްޖެހި ނަމަވެސް ސަންސެޓް ޓީމުންވެސް ގޯލު ޖަހާނެ ގިނ ފުރުސަތުތަކެއް ހޯދާފައިވެއެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މަރަދޫ ޓީމުން އެމީހުންގެ ދެވަނަ ގޯލު ކާމިޔާބު ކުރިއެވެ. މި ނަތީޖާއާއެކު ސަންސެޓް ޓީމުގެ ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފައްދަން ފެށިއެވެ. ޚާއްސަކޮށް ސަންސެޓް ޓީމުގެ ޖާޒީ ނަމްބަރު 8، މިރުފާނުގެ ހަމަލާތައް ވަރަގަދަވުމުގެ ސަބަބުން މަރަދޫ ޓީމު އެއްކޮށް ފަހަތައް ޖެހެން މަޖުބޫރުވިއެވެ. ނަތީޖާއަކަށްވީ ސަންސެޓް ޓީމުން މެޗް ނިމެން އެއްމެ ފަސްމިނެޓަށް ވެފައިވަނިކޮށް ދެ ގޯލު ޖަހައި 2-2 މެޗް އެއްވަރު ކުރުމެވެ. މި މެޗްގެ މޭން އޮފްދަ މެޗްގެ މަގާމު ހޯދާފައިވަނީ ސަންސެޓް ޓީމަށް 2 ގޯލު ކާމިޔާބުކޮށްދިން މިރުފާނުއެވެ. ސަންސެޓް ޓީމު ދެން މި މުބާރާތުގައި ބައްދަލުކުރާނީ މިއަދުގެ ފުރަތަމަ މެޗުން މޮޅުވި ހުޅުދޫ ބެސްޓް ސިލެކްޝަން ޓީމާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2008 ދުވަހު ހަވީރު 4:00 ގައެވެ.
