July 2008
July 26, 2008
July 23, 2008
މަސްތުވާ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހަނދުފުށީގައި މަސައްކަތްކުރާ މީދޫ މީހަކު ހައްޔަރުކޮށްފި
Posted by Hassan Shahid under ޚަބަރުLeave a Comment
ހަނދުފުށި ރިސޯޓް އެންޑް ސްޕާގައި މަސައްކަތްކުރާ ދެ މުވައްޒަފަކު، މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ޕެކެޓްތަކަކާއެކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ސ.ފޭދޫ ޕެރިސްވިލާ އަހުމަދު އާސިފް، 27 އާއި ސ.މީދޫ ކަރަންކާވާދީ އަބްދުﷲ ހަމްދާނު (ހަންޓާ) 20، އެވެ. ހަންޓާއަކީ މިހާރު މީދޫގައި ކުޅެވެމުންދާ ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ރާފަޅާ ސްޕޯޓްސް ކުޅުންތެރިޔެކެވެ.
ހަމްދާނު ހައްޔަރުކުރުމަށްފަހު ޕޮލިހުން ޗެކްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ބެލެވޭ 11 ޕެކެޓް ފެނިފައިވާކަމަށް އައްޑޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސްޓާފް ސާޖަންޓް އިސްމާއީލް ޝަމީމު އާދަމް ވިދާޅުވިކަމަށް ހަވީރު އޮންލައިނުގައި ހާމަކޮށްފައިވެއެވެ.
July 22, 2008
ކްރައިމް ޕްރެވެންޝަން ކޮމެޓީ އުފެއްދުމުގެ މަސައްކަތް ފެށިއްޖެ
Posted by Hassan Shahid under ޚަބަރުLeave a Comment
ރަށުތެރޭގައި ކުށް ކުރުން މަދުކުރުމަށް ކްރައިމް ޕްރިވެންޝަން ކޮމެޓީއެއް އުފެއްދުމަށްޓަކައި މިއަދު މެންދުރު މީދޫ އޮފީހުގައި ބައްދަލުވުމެއް ބާއްވައިފިއެވެ. ޖުމްލަ 20 ފަރާތަކަށް ދައުވަތު އެރުވިގެން ބޭއްވި މިބައްދަލުވުމަށް ވަޑައިގެންނެވީ އެއްމެ 7 ބޭފުޅުންނެވެ. މިބައްދަލުވުމުގައި ކޮމެޓީގެ ޗެއާމަން އާއި ވައިސް ޗެއާމަނަކު ހޮވުމަށް ހަމަޖައްސާފައި އޮތްނަމަވެސް ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުން މަދުކަމުން ބައްދަލުވުމުގެ ބައިވެރިން ނިންމެވީ އަލުން ބައްދަލުވުމެއްބޭއްވުމަށެވެ. އެހެންކަމުން މި ކޮމެޓީ އުފެއްދުމަށްޓަކައި މިއަންނަ ބުރާސްފަތިދުވަހުގެރޭ 8.30ގައި އަލުން ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސަވައި މިއަދުގެ ބައްދަލުވުންވަނީ ނިންމާލާފައެވެ.
ރަށު އޮފީހާއި ފުލުހުންގުޅިގެން ބޭއްވި މިބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މުޖުތަމުއުގެ ސުލްހަ މަސަލަސްކަން ދެމިއޮންނާނީ އެތަނެއްގައި ކުށްކުރުން މަދުކުރެވިގެން ކަމަށެވެ. ކޮމެޓީއަށް ބޭފުޅުން ހަމަޖެއްސެވުމުގައި އެފަރާތުން ބެއްލެވި ކަންތައްތަކަށް އަލިއަޅުވާލަށްވަމުން ވިދާޅުވީ ކޮމެޓީއަށް ބެފުޅުން ހޮވާފައިވަނީ ރަށުގެ އެކިދާއިރާތަކުގެ ބޭފުޅުން ހިމެނޭގޮތަށް ދަނޑުވެރިންނާއި މަސްވެރިން އަދި ވިޔަފާރިވެރިންވެސް ހިމެނައިގެންނެވެ. މިގޮތަށް އެކި ދާއިރާތަކުގެ ބޭފުޅުން ކޮމެޓީގައި ތިއްބެވުމުން ކުށްކުރާމީހުންގެ ރެކޯޑްތައް ބެލެހެއްޓުމަށް ފަސޭހަވާނެކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ބައިވެރި ޖަވާދުﷲ ވިދާޅުވީ ކުށް މަދުކުރުމަށް އެޅިފައިވާ އެއްމެ ބޮޑު ހުރަހަކީ ހުކުމް ތަންފީޒު ނުކުރެވުމެވެ. “މިއަދު ކުށެއްކޮށްގެން ގެންދާ މީހާ މާދަމާ އައިސް ބުނާނެ އެއްވެސް ކަމެއް ނުކުރެވޭނޭ” ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖަވާދުﷲ ވިދާޅުވިއެވެ. މީގެ އިތުރުން ބައްދަލުވުމުގެ ބައިވެރިން އެއްމެ ބޮޑަށް ފާހަގަ ކުރެއްވި އެއްކަމަކީ ޑްރަގުގެ މައްސަލައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ރ.ކ ކޮމެޓީގެ މެމްބަރެއްކަމުގައިވާ އަޙްމަދު ރިޔާޒު ވިދާޅުވީ ކުށްކުރުމާއި ޑްރަގާއި ވަރަށްބޮޑަށް ގުޅިފައިވާކަމަށެވެ.
މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުން މިހާތަނަށް ރާއްޖޭގެ 3 ރަށެއްގައި ކްރައިމް ޕްރެވެންޝަން ކޮމެޓީތައްވަނީ އުފައްދާފައެވެ. އެއީ އދ.މަހިބަދޫ އާއި ކ.ހިންމަފުއްޓާއި ކާށިދޫގެ އިތުރުން އއ.ހިމަންދޫއެވެ.
July 22, 2008
ޒަޢީމާއި ވަޒީރުން ޚަރަދު ކުޑަކުރެއްވުމުން އެހެނެއް ނެހެދޭނޭ ވިދާޅުވާހެން އޭ.ކޭ ޚަރަދުތައް ބޮޑުކުރައްވައިފި
Posted by Hassan Shahid under ޚަބަރުLeave a Comment
ކުރިންބުނާ އެއްޗަކާއި ފަހުންބުނާ އެއްޗެއްދިމާނުވުމަކީ ރާއްޖޭގައި މިހާރު ހިގަމުންމިދާ ވެރިކަމުގައި އަޅުގަޑުމެންނަށް ތާއަބަދު ފެންނަމުން ތަޖްރިބާ ކުރެވެމުންދާ ކަމެކެވެ. މިފަހަރުގެ ޖުލައި 26 ގެ ކުޅިވަރުތައް ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން ނުބާއްވަވާ ވާހަކަ ސަރުކާރުގެ ގޮވެފަތިގޮވާ މީޑިއާއިން ގޮވާނެގީ އިހަކަށް ދުވަހުއެވެ.
މިކަމާގުޅިގެން ރައްޔިތުންގެ ވަރަށްގިނަބަޔަކު މާބޮޑަށް ދެރަވެ ހިތުގައިޖެހިގެން އެކުޅިވަރުތައް ބާއްވާ ދިނުމަށް އެދިގެން ހޯމް މިނިސްޓްރީއަށް ގުޅާވަރުން އަނެއްކާ އަލުން، ހަމަ ބޮޑުޚަރަދު ކުރައްވާފައި، ސަރުކާރުން ބާއްވަވަން ހަމަޖައްސަވައިފިއެވެ. ހާދަހާވާ ރައްޔިތުން ދެކެ ލޯބިވާ ސަރުކާރެކެވެ. މިކުޅިވަރިތައް، ޚަރަދުކުޑަ ކުރުމުގެގޮތުން ނުބާއްވަވަން ވަޒީރުންގެ މަޖިލިހުން ނިންމެވިތާ 24 ގަޑިއިރުވެސް ނުވެއެވެ. އެކަމަކު ވަޒީރުންގެ މަޖިލިހުގެ ނިންމުން ހޯމްމިނިސްޓަރު އެފުނޑުކޮށްލެއްވީ ހާދަ ބާރެއް ލިބިވަޑައިގެންއޮވެ ރައްޔިތުންގެ ގޮވާލުމަށް ހާދަ އިހްތިރާމެއް ކުރާތީއެވެ.
ރޭގެ ޓީ.ވީ ގެ ޚަބަރުގައިގޮވީ މިކުޅިވަރުތައް ބާއްވަން ހަމަޖެއްސީ ވަރަށްގިނަބަޔަކު އެކަމަށް އެދޭތީ ކަމަށެވެ. ރޭގެ 12 ގެ ޚަބަރުގައި ގޮވީ، ކުޅިވަރު އަލުން ބާއްވާގޮތަށް ހަމަޖެއްސީ ސްކޫލްކުދިންގެ ވަރަށްގިނަ ބެލެނިވެރިން އެދިގެންކަމަށާއި، އެކަމަކު އެކަމާބެހޭގޮތުން ބެލެނިވެރިންނާ ސުވާލު ކުރުމުން އެއްވެސް ބެލެނިވެރިއަކު ކޮމެންޓެއް ނުދިންކަމަށެވެ! މިކުރާ ކަންތައްތަކެކޭ ޖުހާގެ ވާހަކަތަކެކޭ ހަމަ ތަފާތެއްނޯވެއެވެ. ފަހަރެއްގައި މިއީ، މައުމޫނުގެ ވެރިކަމުގެ އެންމެފަހު ޖުލައި 26 ކަމުގައި ވެދާނެތީ މައުމޫނު ކުޅިވަރުތައް ބާއްވައި، ބޭރުމީހުންގެނެސް ހަމަ އަބުއިކަން ދެއްކެވީމާ ނިމުނީ ނޫންތޯއެވެ؟ އެކަމާ ރައްޔިތަކު ބުނާނީ ކީކޭތޯއެވެ. 30 އަހަރު ވެރިކަން ކުރެއްވީވެސް ރައްޔިތުންގެ އެދުމަކަށް ޚަރަދަކަށް ބައްލަވައިގެނެއް ނޫނެވެ.
July 18, 2008
ސިކްސް-އަ-ސައިޑް ޗެލެންޖް: ލީގު ފައިނަލް މެޗް މިއަދު ހަވީރު
Posted by Hassan Shahid under ކުޅިވަރު, ޚަބަރު[2] Comments
ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ލީގު ފަހުމެޗް މިއަދު ހަވީރު 4.30 ގައި މީދޫ ރަސްމީ ފުޓްބޯޅަދަނޑުގައި ކުޅެވޭނެއެވެ. ޖުމްލަ 6 ޓީމު ބައިވެރިވެފައިވާ ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ފަހު މެޗްގައި މިއަދު ބައްދަލު ކުރާނީ 10 ޕޮއިންޓް ހޯދަގެން ގްރޫޕުގެ އެއްވަނާގައިވާ އެފް.ސީ ރުއްކުއްލި ޓީމާއި 9 ޕޮއިންޓާއެކު ދެވަނާގައިވާ އެފް.ސީ ސުރިއޮރިއެވެ. މިއަދު ކުޅޭ ދެޓީމު ފިޔަވައި އެހެން ހުރިހާ ޓީމުތައްވަނީ ފުރަތަމަ ބުރުގައި ކުޅެންޖޭ 5 މެޗް ކުޅެފައެވެ. އެހެންކަމުން މިއަދު ކުޅެވޭ މެޗުގެ ނަތީޖާއިން ލީގު ޗެމްޕިއަންކަން ލިބޭނެ ޓީމެއް އެގިގެންދާނެއެވެ.
މިއަދު ކުޅޭ ދެޓީމަށް ބަލާއިރު އެފް.ސީ ސުރިއޮރި ޓީމުގެ މަޝްހޫރު ފޯވާޑް ކުޅުންތެރިޔާ މުޖުތަބާ މަންސޫރަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ނުކުޅެވޭނެކަމަށް އެޓީމުން ހާމަކުރެއެވެ. މުޖުތަބާގެ ކުޑަހުޅަށް އަނިޔާފެވަފައިވަނީ އެޓީމު އެފް.ސީ ވާރިއާއި ކުޅުނު މެޗްގައެވެ. އެ މެޗްގައި މުޖުތަބާވަނީ އެޓީމުން ޖެހި 6 ގޯލުގެ ތެރެއިން ދެގޯލު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންކަމުން ވަރަށްގިނަބަޔަކު މިއަދުގެ މެޗުން މުޖުތަބާ ފެނިގެންދިއުމަށް އެދެއެވެ. ނަމަވެސް އެންޖަރީގެ ސަބަބުން ބެންޗުގައި މަޑުކުރަންޖެހިފައިވާ މުޖުތަބާގެ މަގާމަށް މިއަދު ކުޅޭނެކަމަށް ޚަބަރު ލިބިފައިވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިއެއްކަމަށްވާ ޝަހީމު (ޝަހު) އެވެ. ސުރިއޮރިން މިއަދުގެ މެޗަށް ތައްޔާރުވެފައިވަނީ ކިހާވަރަކަށްތޯ ސުވާލުކުރުމުން މުޖުތަބާ ބުނެފައިވަނީ މިއަދުގެ މެޗާއިދޭތެރޭ އެމީހުން އެއްވެސް ޝައްކެތް ނުކުރާކަމަށެވެ.
އެފް.ސީ ސުރިއޮރި ޓީމާއި ދެކޮޅަށް މިއަދު ނިކުންނަ އެފް.ސީ ރުއްކުއްލި މިހާތަނައް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވެއެވެ. ރުއްކުއްލި ޓީމުން ހަތަރުމެޗް ކުޅެ 14 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެއްމެ 3 ގޯލެވެ. މުބާރާތުގައި މިހާތަނަށް 21 ރީނދޫ ކާޑައި 2 ރަތްކާޑު ފެނިފަވާއިރު ރުއްކުލި ޓީމަށް ދައްކާފައިވަނީ އެއްމެ ރީނދޫ ކާޑެކެވެ. އެހެންކަމުން އެޓީމަކީ މިމުބާރާތުގެ އެއްމެ މޮޅު އަދި އެއްމެ ޑިސިޕްލިންގ ޓީމުކަމުގައިވަނީ ބެލެވިފައެވެ. މިއަދުގެ މެޗާއިބެހޭގޮތުން ރުއްކުލި ޓީމުގެ ގޯލުކީޕަރު ޝާމިޒު (ޑެނީ) ބުނެފައިވަނީ އެމީހުން ކޮންމެ މެޗަކަށްވެސް ނިކުންނަނީ މޮޅުވާންކަމަށާއި މިއަދުގެ މެޗުވެސް ކުޅޭނީ މޮޅުވުމަށް ކަމަށެވެ. މިއަދުގެ މެޗް ޑްރޯ ކޮށްގެން ލީގު ލިބެން އޮތަސް އެޓީމުން ކުޅޭނީ މޮޅުވެގެން ލީގު ޗެމްޕިއަންތަށި އުފުލާލުމަށްކަމަށްވެސް ޑެނީ ހާމަކުރިއެވެ.
މިހާތަނަށް މުބާރާތައް ލިބެމުނައައިސްފައިވާ ތަރުހީބައް ބަލާއިރު މިއަދުގެ މެޗް ބެއްލެވުމަށް ގިނައަދަދެއްގެ ބަޔަކު ދަނޑަށް ދާނެކަމަށް ބެލެވޭ ފައިނަލް މެޗްގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.30 ގައެވެ. މިއަދުގެ މޫސުމް ގޯސްކޮށް ދެއްކިނަމަވެސް މެންދުރުފަހު ވާރޭ ނުވެހޭނަމަ މެޗް ކުޅުމަށް ހަމަޖައްސާފައިވާކަމަށް މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީން ވިދާޅުވެއެވެ. މިއަދުގެ މެޗުބެއްލެވުމަށް ދަނޑަށް ވީހާވެސް ގިނަބަޔަކު ވަޑައިގެން ދެއްވުމަކީ މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީނެއް ވަރަށްބޮޑަށް އެދޭ ކަމެއްކަމުގައިވެސް އެކޮމެޓީން ހާމަކުރެއެވެ.
July 17, 2008
މަދިރި ކޮންޓްރޯލްކުރުމަށް ޓާސްކް ފޯހެއް އުފެއްދުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފި
Posted by Hassan Shahid under ޚަބަރުLeave a Comment
މަދިރި ކޮންޓްރޯލު ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ހިންގަވަމުންގެންދަވާ ޚާއްސަ ޕްރޮގްރާމެއްގެ ދަށުން މިއަތޮޅުގެ ރަށްރަށުގައި އުފައްދަމުންގެންދާ ޓާސްކްފޯސް އުފެއްދުމުގެ މަސައްކަތް މީދޫގައި ފެށިއްޖެއެވެ. މީދޫ އޮފީހުން ހަމަޖެއްސި 15 ފަރާތަކަށް ދައުވަތު އެރުވިގެން ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ޕަބްލިކް ހެލްތުގެ ދެ މުވައްޒަފުންނެވެ. މި ބައްދަލުވުމަށް އަންހެން 8 ބޭފުޅުންނަށާއި ފިރިހެން 7 ބޭފުޅުންނަށް ދައުވަތު އެރުވުނު ނަމަވެސް މީދޫ އޮފީހުގައި ރޭ ބޭއްވުނު ފުރަތަމަ ބައްދަލުވުމަށް ވަޑައިގަތީ ޖްމްލަ 10 ފަރާތަކުންނެވެ. މި ބައްދަލުވުމަށް ވަޑައިގަންނާނެކަމަށް ސޮއިކުރެއްވި ފިރިހެން ބޭފުޅުންގެ ތެރެއިން ބައްދަލުވުމަށް ވަޑައިގަތީ އެއްމެ 2 ބޭފުޅުންނެވެ.
މިދުވަސްވަރަކީ ވިއްސާރަވާ ދުވަސްވަރަކަށްވެފައި މިފަދަ ޓާސްކް ފޯހެއްގެ ބޭނުންތެރިކަން ބޮޑުވެފައިވާއިރު ރަށުގެ ފިރިހެން ބޭފުޅުންގެ ފަރާތުން މިކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނުކަމީ ހިތާމަކުރަންޖޭހޭ ކަމެކެވެ. ދޭތެރެ ދޭތެރެއިން ފޮގް ސްޕްރޭ ކުރިނަމަވެސް ރަށުން މަދިރި ކޮންޓްރޯލްކުރުމަށް މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވެއެވެ. މިކަމާއި ގުޅޭގޮތުން މީދޫ ވީކްލީގައި ޝާއިއުކުރި ރިޕޯޓެއްގައި ފޮގްސްޕްރޭ ކުރުމަކީ މަދިރި ކޮންޓްރޯލްކުރުމަށް އޮތް ހައްލެއް ނޫންކަމަށް ފާހަގަކޮށްފައި އޮތުމުން އޭރު ރަށުތެރޭގައި ފޮގްސްޕްރޭ ކުރަމުންދިޔަ ފަރާތްތަކުން އެރިޕޯޓާއި ދެކޮޅު ހަދާފައިވެއެވެ.
July 17, 2008
ސިކްސް-އަ-ސައިޑް ޗެލެންޖް 2008: އެފް.ސީ ވާރި ގަދަ ހަތަރެކުން ޖާގަ ހޯދައިފި
Posted by Hassan Shahid under ކުޅިވަރު, ޚަބަރުLeave a Comment
ސިކްސް-އަ-ސައިޑް ޗެލެންޖް 2008 ގައި އިއްޔެ ބައްދަލުކުރި މެޗުން ނެރަވާ ޔުނައިޓެޑް އެފް.ސީ ވާރިއާއި ބައްދަލުކޮށް 1-0 ން ބަލިވުމުން ގުރޫޕްގެ ގަދަ 4ން ކަޓައިފިއެވެ. މި މެޗުން އެފް.ސީ ވާރި މޮޅުވުމުން 4 މެޗް ކުޅެގެން 2 ޕޮއިންޓް ލިބިފައިވާ ބޮކަރ ސޮކަރވެސް ވަނީ ގަދަ 4ން ކަޓާފައެވެ. އެހެންކަމުން ލީގުގެ 3 ވަނާގައިވާ ރާފަޅާ ސްޕޯޓްސްއާއި ބޮކަރ މިއަދު ބައްދަލުކުރާ މެޗް އެހާ ފޯރިގަދަ މެޗަކަށް ނުވުމަކީ އެކަށީގެންވާކަމެކެވެ.
ލީގް އުސޫލުން ކުޅޭ މި މުބާރާތުގެ ލީގް ޗެމްޕިއަންކަން ހޯދާނެ ޓީމެއް ކަނޑައެޅޭނީ ހުކުރުދުވަހު ކުޅޭ މުބާރާތުގެ އެއްމެ ފަހުމެޗްގައެވެ. މި މެޗްގައި ބައްދަލުކުރާނީ 4 މެޗް ކުޅެގެން 10 ޕޮއިންޓް ހޯދާފައިވާ ރުއްކުއްލިއާއި މުބާރާތުގެ ސަޕްރައިޒިންގ ޓީމު އެފް.ސީ ސުރިއޮރިއެވެ. އެފް.ސީ ސުރިއޮރި ވަނީ 4 މެޗް ކުޅެގެން 9 ޕޮއިންޓް ހޯދާފައެވެ. އެހެންކަމުން މި މެޗްވެގެންދާނީ މުބާރާތުގައި ކުޅޭ އެއްމެ ފޯރިގަދަ މެޗަށެވެ. މި މެޗާއި ގުޅުވައިގެން މިހާރުވެސް ރަށުތެރޭގައި ވަރަށްގިނަ ވާހަކަތަކެއް ދެކެވެމުން އެބަދެއެވެ. ދެ ޓީމުގެ ކޯޗުންގެ ބަހުގެ ހަމަލާތައް ވަރަށް ވަރުގަދަވެފައިވާއިރު ދެޓީމުގެ ސަޕޯޓަރުންގެ މެދުގައިވެސް ކޮންމެވެސްވަރަކަށް ބަހުގަ ހަމަލާތައް ބަދަލުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
ސިކްސް-އަ-ސައިޑް ޗެލެންޖްގެ ލީގު މެޗްތައް ނިމިގެން ދެން އޮންނާނީ ގަދަ 4 ޓީމު މެދުގައި ކުޅެވޭ މުބާރާތެކެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމު އެއްކޮޅުން ފައިނަލްގައި ކުޅޭގޮތަށެވެ. ބަލިވާ ޓީމު ކުޅެންޖެހޭނީ ލީގުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމްއާއެވެ. މި މެޗުން މޮޅުވާ ޓީމް ފައިނަލްގައި ވާދަކުރާ “މީދޫ ކޮމިއުނިޓީ ކަޕް” ފައިނަލް އޮންނާނީ މި މަހު 25ވަނަދުވަހުގެ ހަވީރު 4:30 ގައެވެ.
July 14, 2008
މީދޫއަށް ބޭނުންވަނީ އަދިވެސް އިތުރު ޖަމިއްޔާތަކެއް ހެއްޔެވެ؟
Posted by Hassan Shahid under އަހަރެމެން1 Comment
މީދޫއަށް ނިސްބަތްވާ 2 ޖަމިއްޔާ މިހާރުވެސް އޮތްއިރު އަނެއްކާވެސް އިތުރު ޖަމިއްޔާއެއް އުފެއްދުމުގެ މަސައްކަތް ހިނގަމުންދާކަމުގެ ޚަބަރު މިނޫހަށްވަނީ ލިބިފައެވެ. މިކަމާއި ބެހޭގޮތުން ޚިޔާލު ހޯދުމަށްޓަކައި މީދޫ ވީކްލީ އިން އިންޓަވިއުކުރި ރަށުގެ ގިނަ ފަރާތްތަކުން ބުނެފައިވަނީ ރަށަށް އިތުރު ޖަމިއްޔާއެއް ބޭނުންނުވާކަމަށެވެ. އަދި ބުނެފައިވަނީ އިތުރު ޖަމިއްޔާއެއް އުފެއްދުމަށްވުރެ މިހާރު ރަޖިސްޓްރީ ކުރެވިފައިހުރި ޖަމިއްޔާތަކުގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް އެޖަމިއްޔާތަކަކީ މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދޭ ޖަމިއްޔާތަކަށް ހެދުން މުހިއްމުކަމަށެވެ. އަޅުގަޑުމެންނަށް ހީވެފައި އޮންނަނީ ޖަމިއްޔާތަކަކީ ހަމައެކަނި ކުޅިވަރު ކުރިއެރުވުމަށްޓަކައި އުފައްދާފައިހުންނަ ޖަމިއްޔާތައްހެން” ނޫހުގައި ނަންނުޖެހުމަށް އެދި ރަށުގެ އިސްމީހަކު މިނޫހަށްދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ޖަމިއްޔާތަކުގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރެވިދާނެ ގޮތަކާއިބެހޭގޮތުން ސުވާލު ކުރުމުން ގިނަ މީހުން ބުނެފައިވަނީ ޖަމިއްޔާތަކަށް ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑުކޮށްގެން ނޫނީ ޖަމިއްޔާތައް މިއަށްވުރެ ފުޅާނުކުރެވޭނެކަމަށެވެ. އިތުރު ޖަމިއްޔާއެއް ރަށުގައި އުފެއްދުމާއިބެހޭގޮތުން ތިޔަބޭފޅުގެ އެއްވެސް ޚިޔާލެއްވާނަމަ ތިރީގައިވާ Add Comment ޓެބަށް ކްލިކް ކުރެއްވުމަށްފަހު ބޭނުންފުޅުވާ ޚިޔާލެއް ފޮނުއްވާށެވެ. އެހްނޫނީ news@meedhooweekly.com އަށް ފޮނުއްވަވާ!
July 12, 2008
ޕީ.އޭ އިން އައްޑުއަތޮޅުގެ ރައްޔިތުންނާއި ބައްދަލު ކޮށް އެޕާޓީ ތަޢާރަފު ކުރުމުގެ ބައްދަލުވުންތަކެއް ބާއްވަމުން އެބަގެންދެއެވެ. މި ބައްދަލުވުންތަކުގައި އިއްޔެ ހުކުރު ނަމާދަށްފަހު މީދޫ ސޯޝަލް ސެންޓަރުގައި އެޕާޓީން ކެއުމަކާއެކު ބައްދަލުވުމެއް ބޭއްވިއެވެ. ދައުވަތު އެރުވިގެން މިބައްދަލުވުމުގައި ބަވައިވެރިވިވަޑައިގެންނެވި ބޭފުޅުންނަށް ޕީ.އޭ ތަޢާރަފުކޮށްދެއްވީ އެޕާޓީ ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވެ އަބްދުﷲ ޔާމީނެވެ.
” މީ އައްޑު އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކޮށްލުމަށް ކުރާ ދަތުރެއް. އަޅުގަޑުމެން ވަރަށް ފަހުން ސިޔާސީ ޕާޓީއެއް އުފައްދައިފިން. އޭގެ ކުރިން ސިޔާސީ ޖަމިއްޔާއެއް އުފައްދައިގެން ހަރަކާތްތެރިވިން” މި ބައްދަލުވުން ފަށްޓަވަމުން ޔާމީނު ވިދާޅުވިއެވެ. އައްޑުއަތޮޅުން އެޕާޓީގެ ބައްދަލުވުންތައް ފެއްޓެވި ސަބަބެއްކަމަށް ޔާމީނު ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ޕީ.އޭ ބަދަލުވުމާއެކު އައްޑު އަތޮޅުން އެ ޕާޓީއަށް ލިބުނު ތަރުހީބުގެ ބޮޑުކަމުންނެވެ. ޔާމީނުގެ ވާހަކައަށް ފަހު މިބައްދަލުވުމުގައި ދެންއޮތީ ބައިވެރިންގެ ސުވާލުތަކަށް ޕާޓީގެ ފަރާތުން ޖަވާބު ދެއްވުމުވެ. ބައްދަލުވުން ނިންމާލުމަށްފަހު ހޯލުން ބޭރުގައި ވަކި ވަކި ފަރުދުންނާއި ޔާމީނު ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމަށްފަހު ޔާމީނު އާއި އޭނާގެ ޓީމު ދެންވަޑައިގަތީ ޝަމްސުއްދީނު ސްކޫލަށެވެ.
ޚަބަރާއި ގުޅޭ ފޮޓޯތައް:
މިލިޔުމަށް ޚިޔާލު ފޮނުއްވުމަށް ތިރީގައިވާ “Add Comment” ޓެބައް ކުލިކް ކުރަށްވާ!
July 11, 2008
ސިކްސް-އަ-ސައިޑް ޗެލެންޖް 2008: ރުއްކުއްލި ސެމީއަށް ހިނގައްޖެ
Posted by Hassan Shahid under ކުޅިވަރު, ޚަބަރުLeave a Comment














