ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ލީގު ފަހުމެޗް މިއަދު ހަވީރު 4.30 ގައި މީދޫ ރަސްމީ ފުޓްބޯޅަދަނޑުގައި ކުޅެވޭނެއެވެ. ޖުމްލަ 6 ޓީމު ބައިވެރިވެފައިވާ ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ފަހު މެޗްގައި މިއަދު ބައްދަލު ކުރާނީ 10 ޕޮއިންޓް ހޯދަގެން ގްރޫޕުގެ އެއްވަނާގައިވާ އެފް.ސީ ރުއްކުއްލި ޓީމާއި 9 ޕޮއިންޓާއެކު ދެވަނާގައިވާ އެފް.ސީ ސުރިއޮރިއެވެ. މިއަދު ކުޅޭ ދެޓީމު ފިޔަވައި އެހެން ހުރިހާ ޓީމުތައްވަނީ ފުރަތަމަ ބުރުގައި ކުޅެންޖޭ 5 މެޗް ކުޅެފައެވެ. އެހެންކަމުން މިއަދު ކުޅެވޭ މެޗުގެ ނަތީޖާއިން ލީގު ޗެމްޕިއަންކަން ލިބޭނެ ޓީމެއް އެގިގެންދާނެއެވެ.
މިއަދު ކުޅޭ ދެޓީމަށް ބަލާއިރު އެފް.ސީ ސުރިއޮރި ޓީމުގެ މަޝްހޫރު ފޯވާޑް ކުޅުންތެރިޔާ މުޖުތަބާ މަންސޫރަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ނުކުޅެވޭނެކަމަށް އެޓީމުން ހާމަކުރެއެވެ. މުޖުތަބާގެ ކުޑަހުޅަށް އަނިޔާފެވަފައިވަނީ އެޓީމު އެފް.ސީ ވާރިއާއި ކުޅުނު މެޗްގައެވެ. އެ މެޗްގައި މުޖުތަބާވަނީ އެޓީމުން ޖެހި 6 ގޯލުގެ ތެރެއިން ދެގޯލު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންކަމުން ވަރަށްގިނަބަޔަކު މިއަދުގެ މެޗުން މުޖުތަބާ ފެނިގެންދިއުމަށް އެދެއެވެ. ނަމަވެސް އެންޖަރީގެ ސަބަބުން ބެންޗުގައި މަޑުކުރަންޖެހިފައިވާ މުޖުތަބާގެ މަގާމަށް މިއަދު ކުޅޭނެކަމަށް ޚަބަރު ލިބިފައިވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިއެއްކަމަށްވާ ޝަހީމު (ޝަހު) އެވެ. ސުރިއޮރިން މިއަދުގެ މެޗަށް ތައްޔާރުވެފައިވަނީ ކިހާވަރަކަށްތޯ ސުވާލުކުރުމުން މުޖުތަބާ ބުނެފައިވަނީ މިއަދުގެ މެޗާއިދޭތެރޭ އެމީހުން އެއްވެސް ޝައްކެތް ނުކުރާކަމަށެވެ.
އެފް.ސީ ސުރިއޮރި ޓީމާއި ދެކޮޅަށް މިއަދު ނިކުންނަ އެފް.ސީ ރުއްކުއްލި މިހާތަނައް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވެއެވެ. ރުއްކުއްލި ޓީމުން ހަތަރުމެޗް ކުޅެ 14 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެއްމެ 3 ގޯލެވެ. މުބާރާތުގައި މިހާތަނަށް 21 ރީނދޫ ކާޑައި 2 ރަތްކާޑު ފެނިފަވާއިރު ރުއްކުލި ޓީމަށް ދައްކާފައިވަނީ އެއްމެ ރީނދޫ ކާޑެކެވެ. އެހެންކަމުން އެޓީމަކީ މިމުބާރާތުގެ އެއްމެ މޮޅު އަދި އެއްމެ ޑިސިޕްލިންގ ޓީމުކަމުގައިވަނީ ބެލެވިފައެވެ. މިއަދުގެ މެޗާއިބެހޭގޮތުން ރުއްކުލި ޓީމުގެ ގޯލުކީޕަރު ޝާމިޒު (ޑެނީ) ބުނެފައިވަނީ އެމީހުން ކޮންމެ މެޗަކަށްވެސް ނިކުންނަނީ މޮޅުވާންކަމަށާއި މިއަދުގެ މެޗުވެސް ކުޅޭނީ މޮޅުވުމަށް ކަމަށެވެ. މިއަދުގެ މެޗް ޑްރޯ ކޮށްގެން ލީގު ލިބެން އޮތަސް އެޓީމުން ކުޅޭނީ މޮޅުވެގެން ލީގު ޗެމްޕިއަންތަށި އުފުލާލުމަށްކަމަށްވެސް ޑެނީ ހާމަކުރިއެވެ.
މިހާތަނަށް މުބާރާތައް ލިބެމުނައައިސްފައިވާ ތަރުހީބައް ބަލާއިރު މިއަދުގެ މެޗް ބެއްލެވުމަށް ގިނައަދަދެއްގެ ބަޔަކު ދަނޑަށް ދާނެކަމަށް ބެލެވޭ ފައިނަލް މެޗްގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.30 ގައެވެ. މިއަދުގެ މޫސުމް ގޯސްކޮށް ދެއްކިނަމަވެސް މެންދުރުފަހު ވާރޭ ނުވެހޭނަމަ މެޗް ކުޅުމަށް ހަމަޖައްސާފައިވާކަމަށް މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީން ވިދާޅުވެއެވެ. މިއަދުގެ މެޗުބެއްލެވުމަށް ދަނޑަށް ވީހާވެސް ގިނަބަޔަކު ވަޑައިގެން ދެއްވުމަކީ މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީނެއް ވަރަށްބޮޑަށް އެދޭ ކަމެއްކަމުގައިވެސް އެކޮމެޓީން ހާމަކުރެއެވެ.
